ނޮވެމްބަރު 3، 1988 ގައި ހިނގި އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އައު އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލެއްގެ ދަށުން، ޝަހީދުވި ސިފައިންގެ މައިންބަފައިން، ދަރިން އަދި އަނބިންނަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.
މީގެ އިތުރުން، އެ ދުވަހު ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައިދިނުމަށް ހިތްވަރުދެއްކި އެހެން ފަރާތްތަކަށްވެސް އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ. ހުރަވީ ރަން މެޑަލް ލިބިފައިވާ ފަރާތްތަކަށް މަހަކު 9،000 ރުފިޔާ، ހުރަވީ ރިހި މެޑަލް ލިބިފައިވާ ފަރާތްތަކަށް މަހަކު 8،000 ރުފިޔާ، އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ ފަރާތްތަކަށް މަހަކު 6،000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި އިނާޔަތް ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ އެ އިނާޔަތް ދިނުން ހުއްޓާލެވޭނެއެވެ. ނޮވެމްބަރު 3 ގެ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، ގިނަ ބަޔަކަށް އަނިޔާވިއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޝަހީދުންގެ އާއިލާތަކަށް ދެމުންދިޔަ އިނާޔަތް އިތުރުކޮށްދެއްވުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅެކެވެ.