ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝަކުވާއެއް ހުށަހަޅައިފިއެވެ.
އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމްޑީޕީން ހިންގި ހަމަނުޖެހުންތަކުގައި ހއ. އިހަވަންދޫ ކައުންސިލަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވި، އޭރު އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހުރި ޢަބްދުލްމާނިޢު ޙުސައިންގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، އޭނާ ފިލައިގެން އުޅުމުގެ ސަބަބުން މި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، ފަހުން އޭނާ އުޅޭތަން އެނގުމުން ވެސް އަލުން ދަޢުވާ ހުށަހަޅާފައިނުވާ ކަމަށް ޝަކުވާގައި ފާހަގަކޮށްފައިވެއެވެ.
ޝަކުވާ ހުށަހެޅި ފަރާތުން ބުނެފައިވަނީ، މިފަދަ ބޮޑު ޖިނާއީ ކުށެއްގެ ތުހުމަތު އޮތް ފަރާތެއް ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަނު ކުރުމަކީ ފަނޑިޔާރުގެ މުރުއްވަތްތެރިކަމާއި ސުލޫކަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޢަބްދުލްމާނިޢު ޙުސައިންގެ މައްޗަށް ސުލޫކީ މައްސަލައެއް ބެލުމަށް އެދި ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް ޝަކުވާގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޖޭއެސްސީން އަދި އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. އަދި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ފަރާތުންވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ހައިކޯޓަށް މާނިޢު އައްޔަންކުރެއްވީ 16 ނޮވެންބަރު 2023 ގައެވެ.