އިންޓަރ މަޔާމީގެ ފޯވަރޑް ލިއޮނެލް މެސީ އާޖެންޓީނާގެ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ނުކުޅޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުލާނުކޮށްފިއެވެ.
37 އަހަރުގެ މެސީ އުރުގުއޭ އާއި ބްރެޒިލްއާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ބައިވެރިނުވާނެއެވެ. އާޖެންޓީނާގެ ސްކޮޑުން އޭނާގެ ނަން ވަނީ އުނިކޮށްފައެވެ. މެސީގެ ނަން ލިސްޓުން އުނިކުރީ އިންޓަރ މަޔާމީ އާއި އެޓްލާންޓާ ޔުނައިޓެޔުނައިޓެޑްއާ ދެކޮޅަށް އެމްއެލްއެސްގައި ކުޅުނު މެޗުގައި ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ.
އިންޓަރ މަޔާމީން ބުނެފައިވާ ގޮތުގައި އަށް ފަހަރު ބެލޮން ޑީއޯ ކާމިޔާބު ކޮށްފައިވާ މެސީއަށް ވެފައިވަނީ "މެދު މިނުގެ" އަނިޔާއެކެވެ.
މެސީ އާއި ނުލައި މިމަހުގެ 22ވާ ހޮނިހިރު ދުވަހު އާޖެންޓީނާ ކުޅޭނީ އަވޭ މެޗުގައި އުރުގުއޭ އާއި ދެކޮޅަށެވެ. އެއަށްފަހު އާޖެންޓީނާގައި ބްރެޒިލް އާއި ދެކޮޅަށް މިމަހުގެ 26 ވަމަ ދުވަހު ކުޅޭ މެޗުގައި ވެސް މެސީ ނުކުޅޭނެއެވެ.
ދެކުނު އެމެރިކާގެ 10 ޓީމުގެ ކޮލިފައިން ގްރޫޕުގައި އާޖެންޓިނާ އޮތީ 12 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އުރުގުއޭ އޮތީ 20 ޕޮއިންޓާއެކުގައެވެ.
ތިންވަނައިގައި އޮތް އިކުއެޑޯއާއި ހަތަރުވަނައިގައި އޮތް ކޮލަމްބިއާ އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ބްރެޒިލް އަށް 18 ޕޮއިންޓެވެ. ބްރެޒިލް 4 މެޗުން ބަލިވިއެވެ. ޕެރަގުއޭއަށް 17 ޕޮއިންޓް ލިބިގެން 6 ވަނައިގައި އޮތްއިރު، އެންމެ ކުރީގައި އޮންނަ ހަ ޓީމު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނެއެވެ. އަދި ހަތްވަނަ ޓީމު ޕްލޭއޮފަކަށް ދާނެއެވެ.
އާޖެންޓީނާ މިފަހަރު ކުޅުނު 12 މެޗުން މެސީ ވަނީ ހަ ގޯލު ޖަހައިފައެވެ. މިއާއެކު އާޖެންޓިނާއަށް އޭނާ ޖަހައިދިން ޖުމުލަ ގޯލުގެ އަދަދު ވަނީ 191 މެޗުން 112 އަށް އަރައިފައެވެ.
ޗިލީ، ކޮލަމްބިއާ، ވެނެޒުއެލާ އަދި އިކުއެޑޯ އާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި މެސީއަށް އިތުރު ގޯލްތައް ޖެހުމުގެ ފުރުސަތު އެބައޮތެވެ.
މެސީ ޖަހައިދީފައިވާ ގޯލުތައް:
ކްލަބް ކެރިއަރ:
އެފްސީ ބާސެލޯނާ (2004–2021): 778 މެޗުން 672 ގޯލް ޖަހާފައިވެއެވެ.
ޕެރިސް ސެއިންޓް ޖާމައިން (2021–2023): 75 މެޗުން 32 ގޯލް.
އިންޓަ މިއާމީ (ފެބްރުއަރީ 2025 ގެ ނިޔަލަށް) މިހާތަނަށް ކުޅުނު 26 މެޗުން 21 ގޯލް.
ބައިނަލްއަޤްވާމީ ކެރިއަރ:
އާޖެންޓީނާ ގައުމީ ޓީމު: 191 މެޗުން 112 ގޯލް
މިހާތަނަށް މެސީ ޖަހައިފައިވަނީ ޖުމްލަ 852 ގޯލެވެ.