އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ރާއްޖޭގެ އަމިއްލަ ފައިސާ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ދެ ގައުމުގެ އަމިއްލަ ފައިސާ ބޭނުންކުރުމުގެ އިތުރުން މާލީ މުއާމަލާތްތަކުގައި އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) ނިޒާމް ބޭނުންކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ދަށުން، ރާއްޖެ އާއި އިންޑިއާގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން، އީރާން، މިޔަންމާ އަދި ބެލަރޫސް ފަދަ ގައުމުތަކުގެ މެދުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.
މި ނިޒާމުގެ ދަށުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސް ބޭނުންކުރެވޭއިރު، މިކަމާއި ގުޅޭ ފަހުމުނާމާއެއްގައި މިދިޔަ ނޮވެމްބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އާރުބީއައި އާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.
މި އައު އިންތިޒާމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ގައުމެއްގެ އަމިއްލަ ފައިސާއިން ބިލުކޮށް އަދި އެ ބިލުތަކުގެ ސެޓްލްމަންޓް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި ދެ ފައިސާ ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވި، ޚަރަދު ކުޑަވެ، ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސްވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބީއެމްއެލް ޕީއޯއެސް މެޝިންތަކުންނާއި އިތުރު ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރެވޭ ގޮތް މިދިޔަ އޮކްޓޫބަރު މަހު ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި އިންތިޒާމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވެ، އިޤްތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެއެވެ.