ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ކޮއްކޮއަކަށް މި ސަރުކާރުން އެމްޓީސީސީގެ ވަޒީފާއެއް ދެއްވައި އެ ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ އަސާސެއްނެތް ދޮގު ވާހަކަތަކެއްކަމަށް ބުނެ، އޭނާގެ ފިރިކަލުން ޢަބްދުالله ޢާޠިފް ޢަލީ ބަޔާނެއް ނެރުއްވައިފިއެވެ.
ޢާޠިފް ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައްޓަކައި އެއް ޢާއިލާއެއްގެ ކުދިބޮޑު އެންމެންނަށް މިފަދަ ބޮޑެތި އިލްޒާމުތައް އަޅުވައި، އަބުރާއި ކަރާމާތަށް އަރައިގަތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކަށް ބައްދުޢާ ކުރައްވާފައިވެއެވެ.
އޭނާ ވިދާޅުވީ އަނބިކަނބަލުން (ސާޖިދާ މުޙައްމަދުގެ ކޮއްކޮ) އެމްޓީސީސީގައި މަސައްކަތް ކުރަން ފަށާފައިވަނީ އަމިއްލަ މަސައްކަތުން ކަމަށާއި، އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ނޫން ކަމަށެވެ. މާސްޓާސްވެސް ނިންމީ ރައްޔިތުންގެ ކުންފުނީގައި އުޅެ، އަމިއްލައަށް ހޯދި ފައިސާއިން ކަމަށާއި، “ރައްޔިތުންގެ ކުންފުނީގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ކުރިއަރައި، ކުރި ހޯދީ އޭރުގެ ސީއީއޯ އާދަމް އާޒިމްގެ މޭސްތިރިކަމުގައި”ކަމަށް ވިދާޅުވިއެވެ. އަދި މެނޭޖަރ ލެވެލްއަށް ޕުރޮމޯޝަންވެސް ދެއްވީ އޭރުގެ ސީއީއޯ އާދަމް އާޒިމްގެ މޭސްތިރިކަމުގައި މަސައްކަތުގެ ހުނަރާއި ތަޢުލީމަށް ރިޢާޔަތްކޮށް ކަމަށައި، ވޭތުވެގެން ދިޔަ 1 އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރާއި ހުނަރަށް ބަލައި ކުރިއެރުން ދެއްވީ މިހާރުގެ ސީއީއޯ ރިޓަޔަޑް ޑީސީޕީ އަޙުމަދު ސަޢުދީ ކަމަށް ވެސް ވިދާޅުވިއެވެ.
“މާތް الله ގަންދީ ބުނަމެވެ. އަހަރެންގެ ހިތްވަރުގަދަ އަންހެނުންނާއި މެދު ހަސަން ކުރުސީއޭ ކިޔުނު ދައްޖާލު އެފެތުރީ ހަމަ ހުސް ރޯ ބުހުތާނު ދޮގު ވާހަކަތަކެކެވެ. އަހަރެންގެ އަންހެނުންނަށް މަޤާމެއް ދޭން ރައީސް މުޢިއްޒެއް އަދި ރައީސްގެ އަނބިކަނބަލުން ވެލިފުކެއްގެ މިންވަރަށްވެސް އެމްޓީސީސީގެ ވެރިޔާއަށް ނުފޫޒުފޯރުވާފައެއް ނޯންނާނެއެވެ. އަދި އަންހެނުން ދުވަހަކުވެސް ރައީސްގެ ކިބައިން އެފަދަކަމަކަށް އެދިފައެއްވެސް ނޯންނާނެއެވެ. އޭނާ ހޯދި މަޤާމެއް ހޯދީ އަމިއްލައަށް ކުރި ބުރަ މިންނެތް މަސައްކަތުންނެވެ. މިކަމަށް ހަމަ ޔަޤީނުންވެސް ހެކިވާނެ މީހުން ޚުދު އެމްޑީޕީގެ އެންމެ އިސް ސަފުގައި ތިއްބެވި ވެރިންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ކުރީގެ އެމްޓީސީސީގެ ސީއީއޯ އަދި މިހާރު މާލެސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ”. ބަޔާނުގައި ވެއެވެ.
ޢާޠިިފް ވިދާޅުވީ އޭނާގެ އަންހެނުންގެ މުސާރައާއި ގުޅިގެން ވެސް އިދިކޮޅު ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތަކެވެ. އެއީ ސަރުކާރާއިމެދު ނަފްރަތު އުފައްދަން ދައްކާ ވާހަކަތަކެވެ.
“الله ހެކިކޮށް ބުނަމެވެ. މުސާރަޔާއިމެދު ދިޔަވަރު ނޫހުގައި އެނަންގަނެވިފައިވާ މުސާރަޔަކީ ކަނޑައެޅިގެން ބުހުތާނު ދޮގެކެވެ. އެފަދަ ޢަދަދަކާއި މަޤާމުގެ މުސާރަ ގާތްވެސް ނުވާނެއެވެ. އެއީ ރައްޔިތުންގެ ހިތުގައި ސަރުކާރާއިމެދު، އަދި ވަކީން ޚާއްޞަކޮށް އަންހެނުންގެ ޢާއިލާޔާ މެދު ނަފްރަތު އުފެއްދުމަށް ގަސްތުގައި އޮޅުވާލައިގެން ޖަހައިފައި އޮތް އަދަދެކެވެ. ޤަބޫލު ކުރާބަޔަކު ކުރާށެވެ. ނުކުރާބަޔަކު ހަމަ ނުކޮށް ތިބޭށެވެ. الله ތަޢާލާ އަހަރެންގެ މިވާހަކަތަކަށް ހެކިވެވޮޑިން ވެތެވެ”. ޢާޠިފް ފޭސްބުކްގައި ލިޔުއްވިއެވެ.