ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ލަފާއަރުވައިފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 10:14
ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު.
ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު.
ޚުލާސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި 3 ބޭފުޅުންނާއި ރޭ ވަނީ އިންޓަވިއު ކޮށްފައި.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާއަރުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ 3 ބޭފުޅުންނެވެ.

އެ ތިން ބޭފުޅުންނަކީ:

1. ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު

2. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު

3. ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް

އެ ބޭފުޅުންނާއި ޖޭއެސްސީން ރޭ ވަނީ އިންޓަވިއުކޮށްފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމަށް މީހަކު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު އިޢުލާން ކޮށްފައިވާއިރު، ފުރަތަމަ އިޢުލާނުގައި ދެ ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެންމެ ބޭފުޅަކު ކުރިމަތިލެއްވުމާއި ގުޅިގެން އަލުން އިޢުލާން ކުރިއެވެ. އެފަހަރު ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

މި މަޤާމަށް މީހަކު ހޯދަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު 4 މާރިޗު 2025 ގައި އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 6 ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ޢަލީ ރަޝީދު ހުސައިން އާއި އާއިޝާ ޝުޖޫން މުޙައްމަދާއި އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

އޭގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެއީ މަހާޒް އާއި އަޒްމިރާލްދާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%