ހަނގުރާމަ ނިންމާލިކަން އިޢުލާން ކުރުމަށްފަހު އަނެއްކާވެސް ހައްދުފަހަނަ އެޅި އިސްރާއީލުގެ ޔަހޫދީ ދައުލަތުން ފަލަސްޠީނުގައި ލާއިންސާނީ ޖަރީމާތައް ހިންގަން ފަށައިފިއެވެ. މި ރަމަޟާން މަސް ފެށުނުފަހުން އެކި ގޮތްގޮތުން ފަލަސްޠީނަށް އިސްރާއީލުން ދަނީ ޙަމަލާ ދެމުންނެވެ.
އިއްޔެ އެކަނިވެސް އިސްރާއީލު ސަރުކާރުން ވަނީ ޣައްޒާގެ ބައިތު ލާހިޔާ ސަރަހައްދަށް ޙަމަލާ ދީފައެވެ. ޙަ،ަލާތައް ދިނުމުގެ ކުރިން އެމީހުން ކުރި ކަމަކީ ރޯދަމަސް ފެށެންވާއިރަށް މުސްލިމުންންށް ދަތި ކުރުމުގެ ގޮތުން ފެނާއި ކަރަންޓް ކަނޑައިލުމެވެ.
އިއްޔެ ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 9 ރައްޔިތުން ޝަހީދުވެފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި ތިން ނޫސްވެރިން ވެސް ހިމެނެއެވެ. އަދި މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވެއެވެ.
މަންޒަރު ދުށް މީހުންނާއި ޙަވާލާދީ މަސްދަރުތައް ބުނެފައިވާ ގޮތުގައި އިއްޔެ ޔަހޫދީންގެ ހަމަލާ އަމާޒުކޮށްފައިވަނީ އަލް-ޚައިރު ފައުންޑޭޝަން ނަމަކަށް ކިޔާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ މަސައްކަތުގައި އުޅުނު މީހުން އުފުލި ކާރަކަށެވެ. މި ކާރުގައި ނޫސްވެރިންނާއި ފޮޓޯގްރާފަރުން ވެސް ތިބިކަމަށް ބުނެވެއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ އިސްވެރިޔާ ސަލާމާ މަޢުރޫފް ވިދާޅުވީ ހަމަލާ ދެވުނު ކާރުގައި ތިބީ އާންމު ރައްޔިތުން ކަމަށާއި، އެއީ ވަގުތީ ހިޔާވަހިކަން ދޭ ތަނެއްގެ ކައިރީގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ މަސައްކަތްތަކެއް ކުރަމުންދިޔަ ބައެއް ކަމަށެވެ. އަދި އެ މީހުން ތިބީ ވަނުން މަނާ ސަރަހައްދެއްގައި ނޫން ކަމަށާއި، އެ މީހުންގެ ސަބަބުން ޔަހޫދީ ފައުޖަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކޮށްފައި ވިޔަސއ މި އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމާމެދު ދެފަރާތުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ.
ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމްކުރުމަށްފަހުގައި ވެސް ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 150 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައެވެ.