ބާރު ބޮޑުވާނެތީވެ، ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލޭގައި ބެކަޕް އިންޖީނުގެއެއް ހުޅުވައިފި

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 11:43
ފަހުމީ، ހުޅުމާލެ އެނެކްސް2 ގައި ބެކަޕް އިންޖީނުގެ ހުޅުވައިދެއްވަނީ.
ފަހުމީ، ހުޅުމާލެ އެނެކްސް2 ގައި ބެކަޕް އިންޖީނުގެ ހުޅުވައިދެއްވަނީ.
ޚުލާސާ

މި އިންޖީނުގޭގެ ސަބަބުން ޕީކް ސީޒަނުގައި ލޯޑް ބޮޑުވެ ކަރަންޓެއް ނުކެނޑޭނެ. ޓެކްނިކަލް މަސައްކަތް ކުރަ ވަގުތުތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނޭ.

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ބެކަޕް އިންޖީނުގެއެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުވައިފިއެވެ.

މިއީ އެންމެ 10 ދުވަހުގެ ތެރޭގައި ހުޅުވި އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއްވިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވި ގޮތުގައި މި އިންޖީނުގެ ޤާއިމުކޮށްފައިވަނީ 48،000 އަކަފޫޓުގެ ބިމެއްގައެވެ. އަދި މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިހާރު ވަނީ 7 ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައެވެ. އަދި ބާކީ 5 ޖަނަރޭޓަރު ސެޓު ރަމަޟާން މަހުގެ ތެރޭގައި ގެނެސް، ރޯދައިގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހު ކަރަންޓު ކެޕޭސިޓީ މައްޗަށްދާ މިންވަރު އިތުރުވާނެ ކަމަކަށް ނުބެލެވެއެވެ. އެއީ ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުވުމާއި، ސްކޫލް ޗުއްޓީއާ ދިމާވާތީއެވެ. ނަމަވެސް ރަމަޟާން މަހަށްފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރު ކަމަށް ބެލެވޭތީ، ސްޓެލްކޯއިން ވަނީ އެކަމަށް ތައްޔާރުވަމުންނެވެ.

މި އައު އިންޖީނުގެ ހުޅުވުމާއެކު ހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް ޕީކް ސީޒަންގައި އޯވަރލޯޑްވެގެން ކަރަންޓު ކެނޑޭނެ ކަމަކަށް ނުބެލެވޭ ކަމަށާއި، އެހެންނަމަވެސް ސްޓެލްކޯއިން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދިމާވާ ޓެކްނިކަލް މައްސަލަތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%