ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތަޢުލީމު، ޞިއްހަތު، އިޤުތިޞާދީ ތަރައްޤީ، ޑިޖިޓަލައިޒޭޝަން އަދި މޫސުމީ ބަދަލުތަކަށް ވިލުންތެންތެރިވުމުގެ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ތަޢުލީމު، ޞިއްހަތު، ކުޅިވަރު، ޚާރިޖީ ގުޅުންތައް އަދި ޑިޕްލޮމެޓުން ތަމްރީންކުރުމުގެ ދާއިރާތަކުން ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތައް ކިޔައިދިނުމަށް ކާމިޔާބު "ރާއްޖެ-މެލޭޝިއާ" ބިޒްނަސް ފޯރަމެއްވެސް ބާއްވާފައި ވެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްވެސް މި ދަތުރުފުޅާ ގުޅޭގޮތުން ޕޯސްޓެއް ކުރެއްވިއެވެ. އެ ޕޯސްޓުގައި ބޮޑުވަޒީރު ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށެވެ. އަދި ވިޔަފާރި، އިންވެސްޓްމެންޓް، ޑިޖިޓަލް، ތިމާވެށި، އިޤުތިޞާދު، ފަތުރުވެރިކަން އަދި ތަޢުލީމުގެ ދާއިރާތަކުން ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ދޮރުތައް ހުޅުވުނުކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ކެބިނެޓު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.