މެންޗެސްޓަރ ސިޓީގެ ނޯވޭ ސްޓްރައިކަރު އާލިން ބްރައުޓް ހާލަންޑް އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ރެކޯޑެއް ޤާއިމްކުރި މެޗުގައި ސިޓީ އަށް ބްރައިޓަން އަތުން މޮޅެއް ނުވެވުނެވެ.
ކުރިން ވެސް ޚުލާސާއިން ލަފާކުރި ގޮތުގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ބްރައިޓަން އަށް ކާމިޔާބެއް ލިބޭނެ މެޗަކަށް އެ މެޗު ވާނެ އެވެ. މެޗު ވެގެންދިޔައީ 2-2 އިން އެއްވަރުވެ ބްރައިޓަން އަށް ލިބުނު ހިތްހަމަޖެހުމަކަށެވެ.
މެވުން ސިޓީއަށް ޕޮއިންޓެއް ލިބުނު ކަމުގައި ވިޔަސް ހާލަންޑް ވަނީ ޕްރިމިއަރ ލީގުގައި އެންމެ މަދު މެޗުން 100 ގޯލުގައި ހިއްސާވި ކުޅުންތެރިޔާގެ ރެކޯޑް އަތުލާފައެވެ.
ރޭ ސިޓީގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހާލަންޑް ވަނީ 94 ވަނަ މެޗުގައި 100 ގޯލުގައި ހިއްސާވެފައެވެ. ލީގުގައި ޖަހާފައިވަނީ 84 ގޯލެވެ. އަދި 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އިނގިރޭސި ލެޖެންޑަރީ ފޯވާޑް އެލަން ޝިއަރާގެ އަތުގައެވެ. ޝިއަރާ ވަނީ 100 މެޗުން 100 ގޯލުގައި ހިއްސާވެފައެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ހާލަންޑް ޕެނަލްޓީއަކުން ސިޓީއަށް ލީޑު ނަގައިދިނެވެ. ނަމަވެސް 10 މިނެޓު ފަހުން ބްރައިޓަންގެ ޕެލްވިސް އެސްޓޫޕީނިއަން ވަނީ މެޗު އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ މިސްރު ފޯވާޑް އޮމަރު މާމޫޝް ޖެހި ގޯލުން އަނެއްކާވެސް ސިޓީ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.
ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭގައި ބްރައިޓަން އަނެއްކާވެސް މެޗު އެއްވަރުކުރިއެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ސިޓީ މިހާރު އޮތީ ލީގުގެ ފަސްވަނައިގައެވެ. 29 މެޗުން 48 ޕޮއިންޓާ އެކުގައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 28 މެޗުން 49 ޕޮއިންޓް ލިބިފައިވެއެވެ.