ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި އައު ޓަރމިނަލް ތަރައްޤީކުރެވެނީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި އައު ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މިހާރު ބޭނުންކުރާ ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރުގެ ތަނެކެވެ. ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 2 މިލިއަން އިތުރުވެފައެވެ. އެހެންކަމުން މިހާރު ޚިދުމަތްދެމުންދަނީ އޯވަރކެޕޭސިޓީގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އައު ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ދިވެހީންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.