މިއަހަރުގެ ފިތުރު ޢީދުގެ ބަންދު ތިން ދުވަހާއެކު އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާއިފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މިއަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހަކީ މިހާރު ކަލަންޑަރުގައިވާ ގޮތުގެ މަތީން މިއަހަރު މާރިޗު މަހުގެ 31 ވަނަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވާ އިޢުލާން ކުރައްވައިފިނަމަ، ފިތުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ މާރިޗު 31، އޭޕްރީލް 1 އަދި 2 އާއެކު ޖެހިގެން އަންނަ އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުޚާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ފިތުރު ޢީދާއި ގުޅިގެން ޢާއިލާތައް ވީހާވެސް ގިނަ ދުވަސް ވަންދެން އެކުގައި ޗުއްޓީ ހޭދަކޮށްލުމަށް މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.
މިގޮތަށް ހަމަޖެހުއްސެވުމުން ފިތިރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންމަ އޭޕްރިލް މަހުގެ 6 ވާ އާދީއްތަ ދުވަހު އެވެ.