ކުޑަކުދިންގެ ކަރާމާތަށް އަރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ގޮވާލައްވައިފިއެވެ.
ޢަބްދުއްރަޙީމް މިފަދައިން ގޮވާލައްވާފައި މިވަނީ އިދިކޮޅު އެމްޑީޕީން މި ރޯދަމަހު ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އެރުމާ ގުޅިގެންނެވެ.
ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ ވާހަކަ ދެއްކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އެވެ. އޭނާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ވާހަކަތައް ދައްކާފައެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ޢާންމުވެފައެވެ.
މަންދީ އަކީ މީގެ ކުރިން އެމްޑީޕީގެ އޮފީސްތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓަކާއި ދިމާލަށް ބޭއަދަބީކޮށް ވާހަކަ ދައްކައިގެން ހިނގި މާރާމާރީއެއްގައި އަނިޔާވެފައިވާ މީހެއްކަން ވެސް ފާހަގަ ކުރެވެއެވެ.
މަންދީގެ ވާހަކަތަކާ ގުޅޭގޮތުން ޢަބްދުއްރަޙީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު ޤާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރުމުން ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ.
އެމްޑީޕީ މުޒާހަރާގައި މަންދީ ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.