މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ކުރާ ފުރައްސާރައާއި އުނދަގޫތަކާއި މެދު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު މަރިޔަމް މާރިޔާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވަޒީރު މާރިޔާ އެކަމަނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޅަދަރިންނަކީ ލޯތްބާއި އޯގާތެރިކަމާއެކު ބެލެހެއްޓުމަށް މާތްﷲ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ މާތް އަމާނާތެއް ކަމަށެވެ. ނަމަވެސް މިއަދު މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް އުނދަގޫކޮށް ފުރައްސާރަކުރާ މަންޒަރު ފެންނަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެން ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް. މި އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓަންޖެހޭ. ނުވަތަ ހުއްޓުވަންޖެހޭ. އެއްވެސް ކުއްޖަކު މިފަދަ ވޭނެއް އިޙްސާސްކުރާން ޖެހޭ ގޮތް ހެދުމަކީ ގާނޫނީ ކުށެއް،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.
އިސްލާމްދީނުގައި ކުޑަކުދިންނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަން ފާހަގަކުާހަގަކުރައްވަމުން، ނަބިއްޔާ ﷺ އަމިއްލަފުޅަށް ވެސް ކުޑަކުދިންނަށް ޚާއްޞަ އޯގާތެރިކަމެއް ބެހެއްޓެވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ލިބޭ ކޮންމެ ގެއްލުމަކުން އެކުދިން ސަލާމަތްކުރުމަކީ އެންމެންގެ ވާޖިބެއްކަމަށް ވެސް އެކަމަނާ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ހުރިހާ ކުދިން މި އަނދިރިކަމުން ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރަމާ! އަމިއްލަ ނަފުސުގެ ދިފާޢުގައި އެއް ކަމެއް ވެސް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާއި ދެކޮޅަށް ކޮންމެ މައެއް، ކޮންމެ ބަފައެއް، ކޮންމެ ބޮޑު މީހެއް، އަދި ކޮންމެ ރައްޔިތަކު ވެސް، ސާބިތުކަމާއި އެކު ތެދުވާންޖެހޭ،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.
ވަޒީރު މާރިޔާ އިތުރަށް ވިދާޅުވީ، ޑިޖިޓަލް ދުނިޔެއިން ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އޮތް ނުރައްކާ ވަރަށް ބޮޑުކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ވެރިންގެ ޒިންމާއެއް ނޫންކަމަށާއި، މުޅި މުޖުތަމަޢުގެ ޒިންމާއެއްބކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.