މާލޭގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި 3 މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާއި ގުޅިގެންނެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މ. ހަރމަނީ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 ޖެހުމާއި ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުންދިޔައެވެ. އަދި މިތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާއި ޚިލާފަށެވެ.
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިމިގްރޭޝަން ވޮޗަށް ހުށަހެޅޭ ތަފާތު މައްސަލަތަކާއި ގުޅިގެން ހިންގާ ރެއިޑްތަކާއި އޮޕަރޭޝަންތަކުގެ އިތުރުން އިމިގްރޭޝަނުން އަމިއްލައަށް އިސްނަގައިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް ވެސް ކުރިއަށްދެއެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ބިދޭސީން ހަރަކާތްތެރިވާ ތަންތަން ބަލައި ފާސްކޮށް، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.