މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލުވައިލުމުގެ މަޤްޞަދުގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް އެއީ ނުދައްކާ ވާހަކަތަކެއް ކަމަށް ދެއްކުމަށް، ރޯމާދުވާލު ދޮގު ބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ކުޑަކުއްޖަކާއި ގުޅުވައި ދެއްކި ވާހަކަތަކާއި ގުޅިގެން، ސިޔާސީ ކަންކަމުގައި ޤާނޫނާއި ޚިލާފު ނުވުމަށް އެމްޑީޕީއަށް ނަޞޭޙަތްތެރިވެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަޔާން ނެރުނެވެ. އެއާއިއެކު ރައްދުގައި އެމްޑީޕީން ނެރުނު ބަޔާނުގައި އެ ދެމުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔައި މުއައްސަސާތަކުން އުޅެނީ އެމްޑީޕީ ފޮހެލުމަށް ކަމަށް ބުނެ ނުބައި ތުހުމަތުތައް ކޮށްފައި ވެއެވެ. ނަމަވެސް ހަގީގަތް ގާތުން ބަލާލުމުން، “ލާދީނީ”ފިކުރު ޕްރޮމޯޓްކޮށް، ޤުރުއާން މުބާރާތެއް ހިނގަމުން ދަނިކޮށް އެކަމަށް ހުރަސްއެޅޭ ގޮތަށް މި ރަމަޟާން މަހު މީކާއީލްގެ މަންމަގެ ލާދީނީ ޢަމަލުތަކުގެ ޙަޤީޤަތް އޮޅުވާލުމަށް އެމްޑީޕީން ނެރުނު ބަޔާނުގައި މުއައްސަސާތަކާސި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގެ އަސާސެއް ނެތްކަން ހާމަވެގެންދެއެވެ.
އީސީ އާއި އެޗްއާރުސީއެމް އިން އެމްޑީޕީއަށް ހަނދާންކޮށްދިނީ މިނިވަން ދުސްތޫރީ އިދާރާތަކެއްގެ ގޮތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ޤާނޫނީ އޮނިގަނޑަށް ތަބާވުމަށެވެ. ސިޔާސީ ވާހަކަތައް ޤާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމުގެ މުހިންމުކަމަށް އީސީން ބާރުއެޅިއިރު، އެޗްއާރުސީއެމް އިން ބާރުއެޅީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ އަސާސީ ޙައްޤު ކަށަވަރުކޮށްދެމުންނެވެ. މި ބަޔާންތަކުގައި ލިޔެފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތްވާގޮތަށެވެ.
ނަމަވެސް އެމްޑީޕީއަށް މުހިންމުވީ އެޕާޓީގެ ހެޔޮ ވިސްނޭ ޢާންމު މެންބަރުންނާއި ދެކޮޅަށް ވެސް މީކާއީލްގެ މަންމަ ދެއްކި ވާހަކަތައް އެއީ ނުދައްކާ ވާހަކަތަކެއްގެ ގޮތުގައި ހެދުމަށެވެ.
ފެންނަ ފެނުމުގައި އެމްޑީޕީން މަސައްކަތް ކުރަނީ އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތަކާއި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން އާންމުންގެ ތާއީދު ދަށްވެފައިވާތީ، ދޮގު ހަދައިގެން ވެސް ޢާންމުންގެ ސަމާލުކަން ހޯދުމަށެވެ.