ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާއި ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމުގައި ނުހެދުމަށާއި ފަތުވާ މަޖްލީހުގެ އިޚްތިޞާޞްގެ ތެރެއަށް ނުވަނުމަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް އިލްތިމާސްކު ރައްވައިފިއެވެ. މި އިލްތިމާސް އަމާޒުކުރެއްވީ ޚާއްޞަކޮށް ރޮޒައިނާއަށެވެ.
ޝައިޚް ސަމީރު ވިދާޅުވީ، ފަތުވާ މަޖްލީހަކީ ދައުލަތުގެ މުއައްސަސާތަކަށް ދީނީ ކަންކަމުގައި އިސްތިޝާރީ ލަފާ ދިނުމާއި، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވާ މައްސަލަތަކުގައި ފަތުވާ ދިނުމުގެ ޤާނޫނީ ޒިންމާ އަދާކުރާ ފަރާތް ކަމަށެވެ. އެގޮތުން، 2019 ވަނަ އަހަރު އަންހެނުން ފަނޑިޔާރުކަން ކުރުމާ ގުޅޭ ފަތުވާއަކީ މަޖްލީހުގެ ޤާނޫނީ އިޚްތިޞާޞްގެ ތެރެއިން ދެއްވާފައިވާ ފަތުވާއެއް ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.
"ޝަރުޢީ ޢިލްމުގެ އަލިފުބާ ވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚްތިޞާޞް ތެރެއަށް ވަދެ، އެބޭފުޅުންނަށް ހަޖޫޖަހައި، ފަތުވާ މަޖްލީހުގެ ހައިބަތު ވައްޓާލުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ،" ޝައިޚް ސަމީރު ވިދާޅުވިއެވެ.
އަދި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ޙޫރުލްޢީންގެ ވާހަކަތައް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ސިފަކުރުމަކީ ދީނީގޮތުން ނުހަނު ޚުޠޫރަތްތެރި ކަމެއްގެ އިތުރުން، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ސަމީރު އިލްތިމާސްކުރެއްވީ މިފަދަ ވާހަކަތައް ނުދެއްކެވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވެ ވަޑައިގަތުމަށެވެ.