އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އޭއެންސީ)ގެ ހިންގުން އަލުން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އެގްރޯނެޓް އުވާލައި އެ ކުންފުނީގެ މަސްއޫލިއްޔަތުތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ބަދަލުކުރުމަށް ކުރިން ވަމީ ނިންމަވާފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ފޮނުއްވުމުން އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑްގެ ސަބްސިޑަރީއަކަށް ހަދަން މިހާރު ވަނީ ނިންމާފައެވެ.
2 ޖެނުއަރީ 2024 ގައި އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަކީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިގްތިސާދު ހަރުދަނާ ކުރުމުގެ މަގްސަދުގައި އުފެއްދި ކުންފުންޏެކެވެ.
ވަޒީރުންގެ މަޖިލީހުގެ މިނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
މި ބަދަލުގެ އަސާސީ މަޤްޞަދަކީ ދަނޑުވެރިންނަށް އުފެއްދުންތައް ވިއްކައި އިތުރު އާމްދަނީއެއް ހޯދުމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމުގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.