ކާޖޯލް އާއި އޭނާގެ އަންހެންދަރި ރޫޙާނީ ބިރުވެރިކަމެއްގައި

އައިޝަތު ރުވާ ރިފްޢަތު | 19 ދުވަސް ކުރިން - 10:31
"މާ" ފިލްމުގެ ޕޯސްޓަރު: މިއީ ކާޖޯލްގެ ފުރަތަމަ ބިރުވެރި ފިލްމު.
"މާ" ފިލްމުގެ ޕޯސްޓަރު: މިއީ ކާޖޯލްގެ ފުރަތަމަ ބިރުވެރި ފިލްމު.
ޚުލާސާ

ދަރިފުޅު ސަލާމަތްކުރުމަށް ރޫޙާނީ ބިރުވެރިކަމާއި ދެކޮޅަށް ކާޖޯލް ހަނގުރާމަ ކުރަމުންދާ މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވަނަ ދުވަހު.

ބޮލީވުޑްގެ މަޝްހޫރު ތަރި ކާޖޯލް އާއި އޭނާގެ އަންހެންދަރި ރޫޙާނީ ބިރުވެރިކަމެއްގައި އުޅޭ މަންޒަރު ދައްކުވައިދޭ އޭނާގެ ފުރަތަމަ ބިރުވެރި ފިލްމު ކަމުގައިވާ "މާ" މިއަންނަ ޖޫން މަހުގައި ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވަނަ ދުވަހުއެވެ.

މި ފިލްމުގައި އާދަޔާއިނޚިލާފު ރޫޙާނީ ބިރުވެރި ކަންތަކާއި ހަނގުރާމަކުރަމުންދާ ކާޖޯލް އޭނާގެ ދަރިފުޅު އެކަންތަކުން ސަލާމަތް ކުރުމަށް މަސައްކަތްކުރާއެިރު، މި ފިލްމަކީ ކާޖޯލްގެ ފިރިމީހާ، މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު ކުންފުނި އޭޑީޑީ ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކުރިން ވެސް ކާމިޔާބު ބިރުވެރި ފިލްމެއް ކަމުގައިވާ "ޗޯރީ" ގެނެސްދީފައިވާ ވިޝާލް ފޫރިއާ އެވެ. "ޗޯރީ" އަކީ 2017 ގައި އޭނާ ގެނެސްދިން މަރާޓީ ބިރުވެރި ފިލްމު "ލަޕަޗަޕީ" ގެ ހިންދީ ރިމޭކެވެ. 2021 ގައި ނެރުނު އެ ފިލްމުގެ މައިގަނޑު ތަރިއަކީ ނުޝްރަތު ބަރޫޗާއެވެ.

"މާ" ގެ އިތުރު ކާސްޓުންގެ ގޮތުގައި ރޯނިތު ރޯއި، އިންދުރަނީލް ސެންގުޕްތާ އަދި ކެރިން ޝަރުމާ ހިމެނެއެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޯލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ތުރިލާ "ދޯ ޕައްތީ" އެވެ. މި ފިލްމަށްވެސް ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ކާޖޯލް ބުނެފައިވަނީ އޭނާގެ އަލަތު ބިރުވެރި ފިލްމަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ސަޕޯޓެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. "މާ" އަކީ ކާޖޯލްގެ ކެރިއަރުގައި އައު ބާވަތެއްގެ ފިލްމަކަށް ވުމާއެކު، ބޮލީވުޑް ލޯބިވާ ފަރާތްތަކުން މި ފިލްމަށް ބޮޑަށް ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%