މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ރާއްޖޭގެ އުތުރު ސަރަހައްދަށް ހުދު ސަމާލުކަމުގެ އިންޒާރެއް ނެރެފިއެވެ. ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާއި ހަމައަށް ހުރި ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 އާ ހަމައަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭކަމަށެވެ.
އެގޮތުން، މޫސުމަށް އަންނަ މި ބަދަލާއި ގުޅިގެން، މެޓް އޮފީހުން ވަނީ އާންމު ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އިތުރު ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.
މޫސުން ގޯސްވެ ނ. ވެލިދޫގައި ރޭ ނުރައްކާތެރި ހާދިސާއެއް ހިނގައި 3 މީހަކަށް އަނިޔާވިކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ.