‏އެމްޑީޕީން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އިންޓަރެސްޓާއެކު މި ސަރުކާރުން އަނބުރާ ދައްކައިފި

އަައިޝަތު ޒީނާ | 2 ދުވަސް ކުރިން - 19:41
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު. / ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

7.15 އިންޓަރެސްޓު ރޭޓުގައި އެމްޑީޕީން ނެގި ލޯނު އަދުގެ ސަރުކާރުން ދައްކާ ނިންމާފައި މިވަނީ 26 މިލިޔަން ޑޮލަރުގެ އިންޓަރެސްޓާއެކު.

‏ބަޖެޓު ފޫބައްދަން އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިޔަން ރުފިޔާ) އިންޓަރެސްޓާއެކު މި ސަރުކާރުން އަނބުރާ ދައްކައިފިއެވެ.

އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު ކާގިލް ފައިނޭންޝަލް ސަރވިސް އިން ނެގި އެ ލޯނު މި ސަރުކާރުން ދައްކާ ނިންމާފައިވަނީ މި މަހުގެ ތެރޭގައި ކަމަށް ސަރުކާރުގެ އިސް އޮޕިޝަލަކު ވިދާޅުވިއެވެ.

މި ސަރުކާރުން ބަރާބަރަށް ލޯނުތައް ދައްކަމުން އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ޒިންމާ މި މަހުވެސް އަދާކޮށްފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް ދަރަންޏެއް ޑިފޯލްޑް ވެފައި ނެތް ކަމަށެވެ.

އެމްޑީޕީން ނެގި ލޯނަކީ 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނަކަށް ވާއިރު، އަދުގެ ސަރުކާރުން އެ ލޯނު ދައްކާ ނިންމާފައި މިވަނީ 26 މިލިޔަން ޑޮލަރުގެ އިންޓަރެސްޓަކާއެކު ކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ވެރިކަމުގައި އިތުރު ލޯނުތައް ވެސް ވަނީ ނަގާފައެވެ. އެގޮތުން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނެއްވެސް އެމްޑީޕީން ނަގާފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވެފައި އޮތް ދަރަނިތައް ފޫބެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށް، ނަތީޖާ ނެރެފައެވެ. އެ ދަތިކަމުން އަރައިގަނެ، މިއަހަރުން ފެށިގެން ސަރުކާރުގެ މަޝްރޫޢުތަކުގައި ޢަމަލީ ކުލަ ޖެހިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 179 މިލިޔަން ޑޮލަރަށް އަރާފައެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 63 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިޔަން ޑޮލަރުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%