ޓާމިނަލްތައް ބޭނުންކުރަން މިހާތަނަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 22:53
ފެރީތަކުން ހެންވޭރު ޓާމިނަލް ބޭނުންކުރާނެ ގޮތް. / ފޮޓޯ: އެމްޓީސީސީ
ފެރީތަކުން ހެންވޭރު ޓާމިނަލް ބޭނުންކުރާނެ ގޮތް. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ.

ރަށްރަރަށް ކުރާ އަމިއްލަ ފެރީ ދަތުރުފަތުރުތަކަށް ހެންވޭރު ޓާމިނަލާއި ހުޅުމާލެ ޓާމިނަލް ބޭނުންކުރަން މިހާތަނަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މި ވަގުތު ތަހައްމަލުކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އެ ކުންފުންޏާ ހަވާލުކޮށްފައި ކަމަށެވެ.

އެހެންވެ، އެކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، އެމްޓީސީސީގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް، މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުޞަތު ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެެވެ.

އެގޮތުން އެ ކުންފުނީގެ ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ހަތް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެެވެ.

އޭގެ ތެރޭގައި ހިމެނެނީ އދ. އަތޮޅުގެ ފެންފުށި، މާމިގިލި، އަދި ދިއްދޫ، ކ. އަތޮޅުގެ މާފުށި، ގުރައިދޫ، ގުޅި، ގާފަރު އަދި ކާށިދޫ، ބ. އަތޮޅުގެ ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ އަދި ފުޅަދުއަށް ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން އަންދާޒާކުރާ ގޮތުގައި، މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ އެކު، މި ޚިދުމަތް ފެށުމާއެކު ދުވާލަކު ޖުމްލަ 15 ލޯންޗް ފެރީއަށް އެ ކުންފުނީގެ ޓާމިނަލުން ޚިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2,000 ފަސިންޖަރުން ކަމަށް ބުންޏެވެ.

ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ އޮންނާނެ ކަމަށާއި ހުޅުމާލެ ފެރީ ޓާމިނަލަށް އެއްފަހަރާ ތިން ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ޚާއްސަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ކޮންމެ އުޅަނދަކަށް ވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާ ދެމެދުގައި 30 މިނެޓުގެ ވަގުތެއް ލިބޭނެ ކަމަށެވެ.

ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ޚާއްސަ ސަރަޙައްދެއް ޓާމިނަލް ތެރޭ އިންތިޒާމު ކުރެވޭނެ ކަމަށާއި ދަތުރުވެރީންގެ ފަސޭހައަކަށް ޓާމިނަލްގެ ފާހާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ޓާމިނަލްގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ހިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%