މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 30 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
ވަޒީރު ޑރ. މާރިޔާ ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއް ކަމަށާއި، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަކީ އެ މުއައްސަސާގެ މުހިންމު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
މި ތަމްރީން ކޯހުން ޖުމްލަ 33 ދަރިވަރުން ދަސްވެނިވިއެވެ. އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް ޚާއްޞަކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އޮފިސަރުން ތައްޔާރުކޮށް، އަޚްލާޤު ރަނގަޅު، ސިފަވަންތަ އޮފިސަރުންތަކެއް އުފެއްދުމެވެ.
އަށް މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީން ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ، ލީޑަރޝިޕް، އެތިކްސް، ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާ ގުޅުންހުރި އެހެނިހެން މޮޑިއުލްތައް ހިމެނެއެވެ.
ވަޒީރު ޑރ. މާރިޔާ އިތުރަށް ވިދާޅުވީ މިފަދަ ތަމްރީނުތަކުން ދަސްވެގެންދާ ކަންކަން ހަނދާންބަހައްޓައި، ވަޒީފާއިން ލިބޭ ތަމްރީނުތަކަށް އިތުބާރުކުރުން މުހިންމު ކަމަށެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ވަޒީރު ޑރ. މާރިޔާއެވެ.
މި ރަސްމިއްޔާތުގައި ކަރެކްޝަނަލް ސަރވިސްގެ އިސް އޮފިޝަލުންނާއި، އައިކޯސްޓްގެ ވެރިންގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވިއެވެ.