ވ. ފެލިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި އެރަށުގައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ނިންމައި، އޮޕަރޭޓަރާ ހަވާލުކޮށްފައިވާ ކަމަށް ފެލިދޫ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑްގެ ފަރާތުންނެވެ.
މި މަޝްރޫޢުގެ ދަށުން 35 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، 265 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 500 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކާއި، 2 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއި، 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި 3.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައިގެ އިތުރުން 30 ކިލޯވޯޓުގެ ސޯލާ ޕެނަލްއެއް ޤާއިމްކޮށްފައިވެއެވެ.
ފެލިދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމި މިހާރު ޚިދުމަތް ދޭން ފަށާފައިވީ ނަމަވެސް، އަދި އެއްވެސް ފީއެއް ނަގަން ފަށާފައި ނުވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު މި މަސައްކަތް ނިމިފައިވާ ކަމަށް ފެލިދޫ ކައުންސިލުން ވަނީ ބުނެފައެވެ.