ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށްގެން ބާއްވާ ހަފްލާ މި ރަމަޟާން މަހުގެ 27 ވިލޭރޭގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މާތްވެގެންވާ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާއާ ވާހަކަ ދައްކަވަމުން ކަށަވަރުކޮށްދެއްވި ގޮތުގައި 20 އާއި 25 އާ ދެމެދުގެ ހާފިޒުން ގްރެޖުއޭޓްވާނެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހާފިޒުންނަށް ހާއްސަ ގްރެޖުއޭޝަން ރަސްމިއްޔާތެއް ބާއްވާ ފުރަތަމަ ފަހަރު ކަމުގައި ވާއިރު، މީގެ ކުރީ އަހަރުތަކުގައި އެމީހުންނަށް ދީނީ އެކިއެކި ހަރަކާތްތަކުގައި އިނާމާއި މެޑަލް ލިބެމުން ދިޔައެވެ.
ހާފިޒުންނަށް އެއްބާރުލުން ދިނުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީ، ދާދި ފަހުން ސަރުކާރުން ވަނީ ހާފިޒަށް ދޭ ދައުލަތުގެ އެލަވަންސް މިހާރު ލިބޭ މަހަކު 2،000 ރުފިޔާ ދެގުނަ ކުރުމަށް ނިންމަވާފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެކެވެ.
މީގެ އިތުރުން ހާފިޒް ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އަޕްގްރޭޑްކޮށްފައިވާ ސެޓްފިކެޓެއް ވެސް މެއެވެ.
ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އުމްރާއަށް ހާފިޒުން ފޮނުވުމަށް ހާއްސަ މަޝްރޫޢެއް ވެސް މި ސަރުކާރުން ވަނީ ފަށާފައެވެ.
އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަމެވެ.
ސަރުކާރުގެ އަމާޒަކީ ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހާއްސަވާ ފަރާތްތަކަށް އިތުރަށް ހިތްވަރުދީ ޝަރަފުވެރިކަން ދިނުމެވެ.