ބާސެލޯނާގެ އޭ ޓީމުގެ ޑޮކްޓަރު ކާލްސް މިނާރޯ ގާސިއާ ކުއްލިއަކަށް ރޭ ހޮޓަލުގައި މަރުވުމާއި ގުޅިގެން މުޅި ބާސެލޯނާ ޓިމުގައި ހިތާމަކުރަން ފަށައިފިއެވެ. 2017 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު އަދި މިދިޔަ ހޫނު މޫސުމުން ފެށިގެން ޓީމާއިއެކު މަސައްކަތް ކުރަމުން އައި އުމުރުން 53 އަހަރުގެ ކޯޗު ވަނީ މެޗުގެ ކުޑައިރުކޮޅެއް ކުރިން ކުއްލިޔަކަށް މަރުވެފައެވެ.
އެއާއެކު ރޭ ލަލީގާގައި އޮސަސޫނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ކުއްލިއަކަށް ފަސްކުރިކަން ފާހަގަ ކުރެވެއެވެ.
ޑޮކްޓަރު މަރުވި ޚަބަރު ކުޅުންތެރިންނަށް ލިބުނީ އެމީހުން އެސްޓޭޑީ އޮލިމްޕިކް ލުއިސް ކޮމްޕެނީސް އަށް ދިއުމުންނެވެ. މެޗު ފަސްކުރުމަށް އެދުމަށް އެއްބަސްވިއިރު، އެ ނިންމުމަކީ ލަލީގާގެ އޮފިޝަލުން ވަގުތުން ފާސްކުރި ނިންމުމެކެވެ. މިކަން އިއުލާން ކުރިއިރު ގިނަ ސަޕޯޓަރުން ތިބީ ސްޓޭޑިއަމްގައި މެޗު ބަލަން ޓިކެޓް ނަގައިގެން ވަދެއެވެ.
މިޑްފިލްޑަރު އޮލްމޯއާއި ގަވީގެ އިތުރުން މުޅި ޓީމު ހިތާމަ ފާޅުކުރަމުންދާއިރު ބާސެލޯނާގެ ރައީސް ޖޯއަން ލަޕޯޓާ ވަނީ މިނާރޯ މަރުވުމުން، މިނާރޯގެ އަންހެނުންނާއި ދެ ދަރިން އަދި މިނާރޯގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
އޮސަސޫނާގެ މެޗު ފަހުގެ ތާރީހަކަށް އަލުން ޝެޑިއުލް ކުރާއިރު، އަދި ކަށަވަރު ނުވެ އެވެ. ޗެމްޕިއަންސް ލީގުގައި މާޗް 11 ވަނަ ދުވަހު ބެންފިކާއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު ކުރިއަށްދާނީ ރޭވިފައިވާ ގޮތަށް ކަމަށް ބެލެވެ އެވެ.