މިނިވަންކަމުގެ ޙައްޤުގައި ކުރާ ކޮންމެ ޖިހާދެއްގައިވެސް އަންހެނުންގެ ދައުރު ބޮޑު: ރައީސް

އަައިޝަތު ޒީނާ | 4 ދުވަސް ކުރިން - 16:28
ރައީސުލްޖުމްހޫރިއްޔާ ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމިއެއް ނޯންނާނެ ކަމަށް.

މިނިވަންކަމުގެ ޙައްޤުގައި ދިވެހީން ކުރި ކޮންމެ ޖިހާދެއްގައިވެސް ދިވެހި އަންހެން ދަރީންގެ ބައިވެރިވުމާއި ދައުރު ނުހަނު ބޮޑަށް އޮތްކަމީ، ދެބަސްވެވެން ނެތް ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ދިވެހި ތާރީޚުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ޤައުމީ އަދި އިޖުތިމާޢީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނަން އެބަހުރި ކަމަށެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަޤާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނައާއި ދިރިތިބުމުގެ ޙައްޤު ޙިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތްކުރުމުގެ ޙައްޤު ފުރިހަމައަށް ހޯދައިދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ތަޢުލީމާއި، ޞިއްޙަތާއި، އިޖުތިމާޢީ މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މި ނޫނަސް މުޖުތަމަޢެއްގެ ދިރުމާއި ކުރިއެރުމާ ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައި ކަމަށާއި، ސީނުކަރައިގެ ބުއްދިވެރި ބަހެއްގައިވެސް ބުނާ ބީދައިން "އުދަރެހުގެ ދެބައިކުޅަ އެއްބައި އުފުލައި ނަގަހައްޓައިދޭ ބަޔަކީ އަންހެނުން" ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމިއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%