ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތް ފަދަ، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަ ކަމަށާއި، ޘާނަވީއާއި މަތީ ޘާނަވީ އަދި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުމުގައި ގިނައީވެސް އަންހެން ދަރީން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައި ދެންނެވިދާނެ ކަމަށެވެ.
މީގެ އިތުރުން ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާ ކަމަށެވެ. އަދި ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.