މާލޭގެ މަގުތަކުގައި ހުރި ގަސްތައް ކެނޑުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މާލެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލެ ސިޓީ ކައުންސިލުން އެ އިރެއްގައި ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ޤާނޫނާއި ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި މި ކަމުގައި ކައުންސިލްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 450,000 އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.