ޔޫކްރެއިނަށް ޖާސޫސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން އެމެރިކާއިން މެދުކަނޑާލާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޖޯން ރެޓްކްލިފް އިޢުލާނު ކޮށްފިއެވެ. މިއީ، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޔޫކްރެއިނަށް ބާރުއަޅައި، އެ ކަމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން އަޅާފައިވާ ފިޔަވަޅެކެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ފެށުނު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މި ގޮތުން، ފެބުރުވަރީ 12 ވަނަ ދުވަހު ރަޝިޔާގެ ރައީސް ޕުޓިންއަށް ފޯނުން ގުޅުއްވައި، ސުލްޙައިގެ މަޝްވަރާތަކަށް ދަޢުވަތު އެރުވިއެވެ. އޭގެ ފަހުން، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އަދި ތުރުކީވިލާތުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވުނެވެ.
އެގޮތުން، މާރިޗު 1 ވަނަ ދުވަހު ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް، މި ބައްދަލުވުން ނިމިގެން ދިޔައީ ދެ ޤައުމުގެ ގުޅުންތައް ހީނަރުވެގެންނެވެ. ޔޫކްރެއިނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުން މެދުކަނޑައިލާފައި މި ވަނީ، ޓްރަމްޕް ވިދާޅުވާ ގޮތަށް އަމަލު ކުރައްވަން ޒެލެންސްކީ ދެކޮޅު ހައްދަވާތީއެވެ.
މި ފިޔަވަޅުގެ ސަބަބުން ޔޫކްރެއިން ދިފާޢު ކުރުމަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ، ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ރަޝިޔާގެ މިސައިލް ޙަމަލާތައް ދިފާޢު ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ބޭނުންވާ މިންވަރު ހާމަވާ ފިޔަވަޅުތަކެކެވެ. ނަމަވެސް، މި ފަދަ ފިޔަވަޅުތަކާ އެކު، އެމެރިކާއާއި ވިލާތުގެ ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް ވެސް ދަނީ ހީނަރުވަމުންނެވެ.
މާރިޗު 4 ވަނަ ދުވަހު ޓްރަމްޕް ވަނީ ޒެލެޒެލެންސްކީގެ ސިޓީއެއް ލިބިފައިވާ ކަން ހާމަ ކުރައްވާފައެވެ. އަދި، ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތް ކަމުގައި ޒެލެންސްކީ ވިދާޅުވެފައިވާ ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. މި ކަމުން ދޭހަވަނީ، ޓްރަމްޕްގެ ފިއްތުންތަކުގެ ސަބަބުން ޒެލެންސްކީގެ ޚިޔާލު ބަދަލުވެފައިވާ ކަމަށެވެ.