ފަލަސްޠީނު ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީން ކުރާ މަސައްކަތާ ދެކޮޅަށް، ޢަރަބި އިސްލާމީ ޤައުމުތަކުން ވަކާލާތުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ، މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ "އެކްސްޓްރާއޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަަމަށެވެ. މި ބައްދަލުވުމުގެ އިތުރުން، ކަމާ ގުޅުންހުރި އެހެނިހެން މުހިންމު ބައްދަލުވުންތަކުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލައި، އެކަމާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމެވެ. އޯއައިސީއަކީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެންމެ ބޮޑު ޖަމާޢަތެވެ.
ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް މަރުޙަބާ ކިޔާފައެވެ. މި ޕްލޭނަކީ ޣައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ 1967 ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ.