އދ. ގެ ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ސަމިޓުގައި ދުނިޔޭގެ ޓޫރިޒަމްގެ ސިނާއަތު ވަރުގަދަކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
އެ ސަމިޓުގައި މިނިސްޓަރު ތޯރިގް ވަނީ ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓް އިތުރުކުރުމާއި އަމާންކަން ގާއިމުކުރުން އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމަކީ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.