ހުޅުމާލޭގައި 2000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް އެޅުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" ގެ ނަމުގައި އަޅާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދާއި އެމަނިކުފާނުގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ
މި މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ކައިރީގައި މިހާރު ހުރި ވަގުތީ މިސްކިތުގެ ސަރަހައްދުގައެވެ.
މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މިސްކިތެކެވެ. އަދި މިސްކިތް ނިސްބަތްކޮށްފައި ވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ.
މި މިސްކިތުގައި 2000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުންނާނެ ކަމަށް އައްޝައިޚް މުޙައްމަދު ލަތީފް ވިދާޅުވިއެވެ. އަދި މިސްކިތް ހުންނާނީ އޭސީ އަދި ސޯލާ ކުރެވިފައި ކަމަށާއި، އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގަ އަކާއި ޚާއްޞަ ފާޚާނާ ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިސްކިތުގެ މަސައްކަތް ނިމުމުން، އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާ ކުދިންނަށް ބޭނުންކުރެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއެއް ހިމެނޭ ގޮތަށް 2 ބުރިއަށް މިސްކިތް ބިނާކުރެވޭނެއެވެ.
މި މިސްކިތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމައި، 2026 ވަނަ އަހަރުގެ ރަމަޟާން މަހު ހުޅުވުމަށް ވަނީ ނިންމާފައެވެ.