ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުޢޫދު އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ، އޭނާއާއި ގުޅިގެން ހުށަހެޅިފައިވާ ގިނަ ކޮރަޕްޝަން މައްސަލަތަކެއް ބަލަން ފެށުމުން ކަން ކަށަވަރު ވެއްޖެއެވެ.
ހުސްނުއް ސުޢޫދުގެ މައްޗަށް ތުހުމަތު ކުރަނީ އެކި މީސްމީހުންގެ އަތުން ފައިސާ ނެގުމަށްފަހު ވަކި ގޮތަކަށް މައްސަލަތައް ނިންމައިދިން ކަމުގެ ތުހުމަތާއި، ވަކި ގޮތަކަށް މައްސަލަތައް ނިންމަން އުޅުނު ކަމަށާއި އަދި މަސައްކަތް ކޮށްފައިވާ ކަމާއި ގުޅުންހުރި މައްސަލަ ތަކެކެވެ. އޭގެތެރޭގައި އެމްޑީޕީގެ ކުރީގެ އިސް މެންބަރަކާއި ގުޅުން ހުރި މައްސަލަ އަކާއި، ސުޢޫދު އަށް މީގެ ކުރިން ކޭސްއެއްގައި ފައިސާ ދީފައިވާ މީހެއްގެ މައްސަލަ ވެސް ހިމެނެއެވެ.
އެ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފެށިކަން އެނގުމާއެކު ސުޢޫދު ވަނީ އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް އެޑްރެސްކޮށް ފޮނުވާފައެވެ.
އޭގެކުރިން އޭނާ ހުންނެވީ ސަސްޕެންޑް ކޮށްފައެވެ. ސަބަބަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީ އަށް ސިޓީއަކުން ދަންނަވާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ" ކަމަށް ބަޔާންކޮށްފައިވާތީ އެ ސަބަބާއި ހުރެ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ސުޢޫދު އިސްތިއުފާ ދެއްވިއިރު އޭނާ ހިންގާފައިވާ ޢަމަލުތަކާއި ގުޅޭ 4 މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިޔައީ ބަލަމުންނެވެ. އެއީ:
1. ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ކޯޓުގެ ޙުރުމަތް ކަނޑައިގެން ކުރި ޙުކުމް ސުޢޫދު ގިނިކަންޏާ ބާޠިލުކުރެއްވި މައްސަލަ.
2. ސުޢޫދުގެ ޢާއިލީ ބޭފުޅެއްގެ މައްސަލަ ސުޕްރީމް ކޯޓުގެ ބެންޗުގެ އިސްފަނޑިޔާރަކަށް ސުޢޫދު އިންނަވައިގެން ބެއްލެވި މައްސަލަ.
3. ސުޢޫދުގެ ކުރީގެ މުވައްކިލެއްގެ މައްސަލަ ސުޢޫދު ފަނޑިޔާރެއްގެ ޙައިސިއްޔަތުން ބެއްލެވި މައްސަލަ.
4. ޢިލްމީ ބޭނުމަށް ސުޢޫދު ލިޔުއްވާފައިވާ ފޮތެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރެއްވި ހައިކޯޓުގެ ޤަޟިއްޔާއަކާއި ގުޅޭ އަސްލު މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފޮތުގައި ސުޢޫދު ދެއްވާފައިވާ ރަޢުޔާ އެއްގޮތް ރަޢުޔެއް ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެން ވެސް ނެރުއްވި މައްސަލަ.
މިއަދު ޖޭއެސްސީން ބުނީ އިއްޔެ ސުޢޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދީފައިވާތީ، އެ މަޤާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ.މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން 04 މާރިޗު 2025 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވެއެވެ". ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.