ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ދެ ބިދޭސީއަކު މާލޭގެ ގަރާޖަކުން އިއްޔެ ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ މެންދުރު ފަހު ހިންގި އޮޕަރޭޝަނެއްގައި ގަރާޖެއް ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިދިޔަ އަހަރުން ފެށިގެން ހިންގާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ވަނީ 6،000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، އެ އިދާރާއިން ބިދޭސީން ބަލައި ފާސްކުރަން ފެށި ފަހުން، ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީން މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ.