ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ރައުންޑް އޮފް 16 ގައި އެންމެ ފަހުގެ ޗެންޕިއަން ރިއަލް މެޑްރިޑުން ފުރަތަމަ ލެގު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައަކާއި ގާތް ކޮށްފިއެވެ.
ރިއަލް މެޑްރިޑުން ރައުންޑް އޮފް 16 އިން ޖާގަހޯދީ ޕްލޭއޮފްގައި 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު އެވެ. މިދެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ރިަލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ. މިއީ އޭނާ ޗެންޕިއަންސް ލީގުގައި ޖެހި 25 ވަނަ ލަނޑެވެ.
އެތްލެޓިކޯ މެޑްރިޑުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ގޯލެއް ޖްހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ލަނޑު ޖެހީ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.
މެޗުގެ ދެވަނަ ހާފު ރިއަލް މެޑްރިޑުން ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި މޮރޮކޯ ފޯވާޑް ބްރަހީމް ޑިއާޒް ގޯލު ޖެހިއެވެ.
ރޭގެ މެވުގައި ރިއަލް އިން 13 ޝޮޓް ހެދިއެވެ.
މި ދެޓީމު ދެން ކުޅޭނީ ދެވަނަ ލެގުގައި މިމަހުގެ 12 ވަނަ ދުވަހުގައެވެ.