ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ކަމުގެ މަޤާމުން ހުސްނުއް ސުޢޫދު އިސްތިއުފާ ދެއްވިއިރު، އޭނާގެ ފަނޑިޔާރުކަމުގެ ޤާބިލު ކަމާއި މެދު ސުވާލު އުފެދިފައި ވެއެވެ.
ސުޢޫދުގެ އިސްތިއުފާ އާއި ގުޅޭ ޙަޤީޤަތްތައް:
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހުސްނުއް ސުޢޫދުގެ އިސްތިއުފާ އާއި ގުޅިގެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި ޙަޤީޤަތާއި ޚިލާފު ބައެއް މަޢުލޫމާތު ހިމެނޭކަން ފާހަގަކުރެވެއެވެ. ސުޢޫދު އިސްތިއުފާ ދެއްވީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު ހިނގާ ކަމަށް ބުނެ ކަމަށް ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ.
ސުޢޫދު އިސްތިއުފާ ދެއްވީ އޭނާ ހިންގާފައިވާ ޢަމަލުތަކާއި ގުޅޭ 4 މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމުންނެވެ. އެއީ:
1. ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ކޯޓުގެ ޙުރުމަތް ކަނޑައިގެން ކުރި ޙުކުމް ސުޢޫދު ގިނިކަންޏާ ބާޠިލުކުރެއްވި މައްސަލަ.
2. ސުޢޫދުގެ ޢާއިލީ ބޭފުޅެއްގެ މައްސަލަ ސުޕްރީމް ކޯޓުގެ ބެންޗުގެ އިސްފަނޑިޔާރަކަށް ސުޢޫދު އިންނަވައިގެން ބެއްލެވި މައްސަލަ.
3. ސުޢޫދުގެ ކުރީގެ މުވައްކިލެއްގެ މައްސަލަ ސުޢޫދު ފަނޑިޔާރެއްގެ ޙައިސިއްޔަތުން ބެއްލެވި މައްސަލަ.
4. ޢިލްމީ ބޭނުމަށް ސުޢޫދު ލިޔުއްވާފައިވާ ފޮތެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރެއްވި ހައިކޯޓުގެ ޤަޟިއްޔާއަކާއި ގުޅޭ އަސްލު މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފޮތުގައި ސުޢޫދު ދެއްވާފައިވާ ރަޢުޔާ އެއްގޮތް ރަޢުޔެއް ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެން ވެސް ނެރުއްވި މައްސަލަ.
އެހެންކަމުން، ސުޢޫދުގެ އިސްތިއުފާއާ ގުޅިގެން ދެކެވޭ ވާހަކަތަކުގައި މި ޙަޤީޤަތްތައް ހިމެނުމަކީ މުހިންމު ކަމެކެވެ.
ސުޢޫދު ފަނޑިޔާރުގެއަށް ވަންނަން ޖެހޭތަ؟
ސުޢޫދަކީ މަޝްހޫރު ލޯޔަރެކެވެ. މަދަނީ މައްސަލަތަކުގައި ކުރިން ވަރަށް ކާމިޔާބު ލޯޔަރެކެވެ. ހަމައެހެންމެ ސުޢޫދަކީ ސިޔާސީ ބެކްގްރައުންޑެއް އޮންނަ، ޕާޓީއަކަށް ނިސްބަތްވުން ފާޅުގައި ފެންނަން ހުރި މީހެއްކަން ފާހަގަކުރެވެއެވެ. ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސްގެ ކެމްޕޭނުގައި ސުޢޫދު ބައިވެރިވެފައިވާކަން ފޮޓޯތަކާއި ވީޑިއޯތަކުން ހާމަވެއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސުޢޫދަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްކަން ވެސް ފާހަގަކުރެވެއެވެ. މި ސަބަބާއިހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ވަނީ ސުޢޫދަކީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށް ވެސް ބުނެފައެވެ. ވުމާއެކު، ޙުކުމް ކުރެއްވުމުގައި އޭނާގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދޭނެކަމީ ޙަޤީޤަތެކެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ސުޢޫދު (ކަނާތްފަރާތުން މަތީގައި)، އަދި އެއާއި ޖެހިގެން (ވ) ސުޢޫދު އެމްޑީޕީއަށް ސޮއިކުރާ މަންޒަރު ފެންނައިރު އޭގެ ތިރީގައި މުޒާހަރާއެއްގެތެރެއިން ދިވެހި ފުލުހުންނާއި ދިމާލަށް ހަޑިހުތުރުކޮށް މުޢާމަލާތް ކުރާ މަންޒަރު ފެނޭ. އޭގެ ކަނާތްފަރާތުން ފެންނަން އެހެރީ އެމްޑީޕީގެ ކެމްޕޭނު އިވެންޓަކަށް ރީނދޫ ޓީޝާޓް ލައިގެން އެކްޓިވިސްޓުންނާއެކު ސުޢޫދު ހުންނެވި މަންޒަރު: މި ފޮޓޯތަކަކީ އެކި ދުވަސްވަރު ސުޢޫދުގެ ޙަރަކާތްތައް ދައްކުވައިދޭ ފޮޓޯތަކެއް. ވީމާ ފަނޑިޔާރަކަށް ސުޢޫދު ބެހެއްޓުމަކީ “ތިލަފަތަށް ބަރުވާނެ ކަމެއް”.
ސުޢޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ގޮތާއި މެދު ވެސް ސުވާލު އުފެދެއެވެ. 21 ނޮވެމްބަރު 2019 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ފަނޑިޔާރުން ބޭނުންވާ ކަމަށް އިޢުލާން ކުރުމަށްފަހު 28 ނޮވެންބަރު 2019 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެމްޑީޕީގެ އެކްޓިވިސްޓް އެއް ކަމަށް ބުނާ ސުޢޫދުގެ ނަން ޖޭއެސްސީއަށް ފޮނުއްވުމަށް އޭރުގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އޭރު ޖޭއެސްސީގައި އިންނަވަނީ ސުޢޫދުއާއެކު ބޮނޑިބަތް ކެއުމުގައި އުޅުއްވާ ހިސާން އެވެ.
ޖޯލިފައްޗެއްގައި އިށީނދެގެން ލޯޔަރު ސުޢޫދު (ވ) އާއި ޙިސާން (ވ3) އަދި ކުރީގެ ބަންޑާރަނައިބު ރިފްޢަތު (ހިސާނުގެ ވާތްފަރާތު / ވ4) ގެއިތުރުން އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގެ ތުލުސްދޫ ދާއިރާގެ ކެމްޕޭނު އިވެންޓެއްގައި ބޮނޑިބަތް ކަނީ: އެފަހަރު އެމްޑީޕީއަށް ވެރިކަން ލިބި ޖޭއެސްސީ ހިންގަން ފެށީ ހިސާނުގެ ނުފޫޒުގައި، އަދި ސުޢޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ލާފައި ވަނީ ހިސާން އޭރު ޖޭއެސްސީގެ ރައީސަކަށް ހުންނަވައިގެން ސިޔާސީ ބޭނުމެއްގައި ކަމަށް ގިނަ ބަޔަކު އޭރު ވެސް ތުހުމަތުކުރި.
ސުޕްރިމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދިނުމުގައި ވެސް ސުޢޫދުގެ ޢަމަލުތައް ހުރިގޮތުން އޭނާގެ ޤާނޫނީ ޢިލްމާއި މެދު ސުވާލު އުފެދެއެވެ. ފަނޑިޔާރަކު އިސްތިއުފާ ދޭނަމަ އެކަން އަންގަން ޖެހެނީ ޖޭއެސްސީއަށް ކަމަށް ވާއިރު، ސުޢޫދު އިސްތިއުފާގެ ސިޓީ ފޮނުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އިސްތިއުފާގެ ސިޓީގައި ޤާނޫނުއަސާސީގައި ލިޔެފައި ނެތް އެއްޗަކާއި ޙަވާލާދީފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.
މި ހުރިހާ ކަމަކުން ވެސް އެނގެނީ ސުޢޫދުގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ މިނިވަންކަމާއި ޤާނޫނީ ޢިލްމު އެކަށީގެންވާ މިންވަރަށް ނެތްކަމެވެ.
އެހެންކަމުން، "ލޯޔަރު ސުޢޫދު" ފަނޑިޔާރު ކަމުގެ މަޤާމަށް ކުފޫ ހަމަނުވާކަން ސާފުކޮށް އެނގެއެވެ.