ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ރަމަޟާން މަހާއި ދިމާކޮށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ މި އޮޕަރޭޝަންގެ ދަށުން މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި 5 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާއި ޚިލާފަށް އުޅެމުންދިޔަ އިތުރު 2 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން މާލެ ސަރަހައްދާއި އަތޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.