ރައީސް، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 16:12
މިއަދު ހެނދުނު ރައީސް އޮފީހުގައި އިސްރަށްވެހިންގެ ޖަމުޢިއްޔާ އާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން.
މިއަދު ހެނދުނު ރައީސް އޮފީހުގައި އިސްރަށްވެހިންގެ ޖަމުޢިއްޔާ އާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން.
ޚުލާސާ

ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯދައިދިނުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށް ރައީސް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި އެޖަމުޢިއްޔާ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެންބަރުންގެ ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރައްވާފައިވެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީ އަލުން ހުޅުވައިދެއްވިކަމަށްޓަކައި ޖަމުޢިއްޔާގެ ފަރާތުން ރައީސަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސްރަށްވެހިންނަށް ޚާއްޞަ ޕްރޮގްރާމްތަކުގައި ބައިވެރިވުން އިތުރުކުރުމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މީގެއިތުރުން، އަމިއްލަ ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް ވެސް ރައީސާއި ވަނީ ހިއްސާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އަމިއްލަ ޖަމުޢިއްޔާތަކަށް އެހީތެރިވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން، ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯދައިދިނުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އަދި ސަރުކާރުގެ ބަޖެޓުން މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި މުޖުތަމަޢު އިތުރަށް ތަހުޒީބުކުރުމަށް މަސައްކަތް ކުރަންޖެހޭކަން ޖަމުޢިއްޔާގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ކުރިމަގަށް ފައިދާހުރި ދާއިރާތަކުން ތަޖުރިބާ ހިއްސާ ކުރުމަށް ތައްޔާރަށް ތިބިކަން ހާމަކުރެއްވިއެވެ. މި ގޮތުން ރައީސް ވަނީ މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

ރައީސް ވަނީ ޖަމުޢިއްޔާއިން ހުށަހެޅި ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%