ހެލްތު މިނިސްޓްރީން ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ ސްކޭން މެޝިނެއް ފޮނުވައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އެ ހޮސްޕިޓަލުން ދެމުން އަންނަ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ޒަމާނީ ފަރުވާދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ސީޓީ ސްކޭން މެޝިނުގެ ފައިނަލް އިންސްޕެކްޝަން ވެސް މިހާރު ވަނީ ނިމިފަ އެވެ، އަދި ވީހާ ވެސް އަވަހަކަށް އެ ހިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީގެ ޓީމަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ހިދުމަތް ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
'ފައިނަލް އިންސްޕެކްޝަން މިހާރު ނިމިފައިވާއިރު، ހޮސްޕިޓަލާއި މިނިސްޓްރީގެ ޓީމުން މިހާރު ދަނީ މި ހިދުމަތް ވީހާ ވެސް އަވަހަކަށް ގާއިމްކޮށް، ތައާރަފު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ބަލި މީހުންނަށް ސީޓީ ސްކޭން ލިބޭނެ ދުވަހެއްގެ އިތުރު އަޕްޑޭޓްތަކަށް އިންތިޒާރު ކުރައްވާ،" އެ ހޮސްޕިޓަލުން ބުންޏެވެ.