ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށް ރިއަލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. މިރޭގެ މެޗާއި ބެހޭ ގޮތުން މީޑިއާ އާއި ވާހަކަ ދައްކަމުން ރިއަލް މެޑްރިޑްގެ ކޯޗު ބުނީ އެތުލެޓިކޯ މެޑްރިޑަކީ މެންޗެސްޓަރ ސިޓީއަށްވުރެ އުނދަގޫ ޓީމެއް ކަމަށާއި، އެ ޓީމުގެ ކައުންޓަރ އެޓޭކްތައް އެހެން ޓީމުތަކަށްވުރެ މާ ބޮޑަށް ނުރައްކާތެރި ވާނެ ކަމަށެވެ.
ފާއިތުވެދިޔަ ތަނުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ރިއަލް މެޑްރިޑް ވަނީ މޮޅުވެފައެވެ. ނަމަވެސް އަންޗެލޮޓީ ބުނީ މާޒީގެ ނަތީޖާތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ހަމަހަމަ މެޗަކަށްވާނެ ކަމަށެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 1 ޖަހާއިރުއެވެ. އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ ރިއަލް މެޑްރިޑަކީ އެ ޓީމާއި ދެކޮޅަށް ކުޅެން ފަސޭހަ ޓީމެއް ނޫން ކަމަށާއި، މި މެޗުން މޮޅުވުމަށް އެ ޓީމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
މި މެޗަށް ނިކުންނައިރު ސްޕެނިޝް ލީގުގެ ތާވަލުގެ ދެވަނަ މަގާމުގައި މިވަގުތު އެތުލެޓިކޯ އޮތީ ރިއަލް މެޑްރިޑަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. މިކަމަކީވެސް މިރޭގެ މެޗު އިތުރަށް ވާދަވެރިވެ، ޗެލެންޖިންގ މެޗަކަށް ހަދާނެ ކަމެކެވެ.