ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. މީދޫ ހަސަންކާރިގޭ ހުސްނު ސުޢޫދު މިއަދު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީގައި ސުއޫދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓަށް ވައްދައިގެން އުޅޭ "ގޮނޑީގެ މައްސަލަ އާއި ގުޅިގެންނެވެ." އަދި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް އެ މައްސަލަ ނިންމަން "ގާނޫނުއަސާސީގެ 144ގެ ނ. އާއި ރ. އާ ހިލާފަށް" ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، އެކަމާއި "އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،"
ސުއޫދު އެގޮތަށް ސިޓީގައި ލިޔުއްވިއިރު ޤާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ސުއޫދު އެބުނާ މާއްދާއާއި ގުޅޭ (ރ) އެއް ނޯވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޢޫދުގެ އިސްތިއުފާ ދެއްވީ އޭނާގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާތީވެ މަޤާމުން ސަސްޕެންޑް ކުރެވިފައިވަނިކޮށެވެ.
ސުޢޫދު އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް ވަކާލާތު ކުރުމަށް ސުޕްރީމް ކޯޓަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ސިޔާސީ އެކްޓިވިސްޓެއް ވެސް މެއެވެ.
ކޯޓުގެ ފަނޑިޔާރެއްގެ އިސްތިއުފާއަކީ ޤާނޫނުއަސާސީން ކޮންމެ ފަނޑިޔާރަކަށްވެސް ލިބިދޭ ޙައްޤެކެވެ.