މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ކަމަދޫ، މިނާ، އިބްރާހީމް ޝާއިން ސައީދު، 20 ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ 2 ގެ ފުލުހުން ހިޔާ ޓަވަރު ތިނެއް ޕެޓްރޯލް ކުރަމުންދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާއި ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް ތުހުމަތުުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމާއި ގުޅިގެން ކަމަށެވެ.
ހިޔާ ޓަވަރު ތިނެއްގެ 24 ވަނަ ފަންގިފިލާގެ އުތުރުފަރާތު ސިޑިގޮޅި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 10.98 ގްރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝާއިން ސައީދުގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.