މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތް, ހެޔޮގޮތުގައި ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 11 ދުވަސް ކުރިން - 12:15
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

ހަލާލު ގޮތުގައި މުދާ ހޯދުމަށް މާތް ﷲ ބާރު އަޅުއްވާފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ޙަރާމް ގޮތުގައި މުދާ ކެއުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަމަށް.

މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވައި ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ބާއްވަމުން އަންނަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ފޯރަމް ފެށްޓެވުމުގެ ގޮތުން ތަޤްރީރު ކުރެއްވި ވަޒީރު ޑރ. ޝަހީމް، 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ މި ފުރަތަމަ އިޙްޔާ ފޯރަމް "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މަޢުޟޫއަށް ޚާއްސަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުންނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވައި ވަޒީރު ވިދާޅުވީ، މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި އަމާނާތް އަޅުގަނޑުމެން ހޭދަކުރަންވީ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުނގަންނަވައިދެއްވަނީ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ﷲ ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިނޭ." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ވަނީ ޤައުމަށް އައިސްތިބި ބިދޭސީންނަށްވެސް އިހްސާންތެރިވުމަށާއި ހެޔޮފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަން ފާހަގަކުރައްވާފައެވެ. އަދި މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަން ވެސް ތަފްޞީލްކޮށްދެއްވިއެވެ.

އެގޮތުން، ހަލާލު ގޮތުގައި މުދާ ހޯދުމަށް މާތް ﷲ ބާރު އަޅުއްވާފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ޙަރާމް ގޮތުގައި މުދާ ކެއުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، ރިޝްވަތަކީ ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީ ވެސް މާތް ﷲ ލަޢުނަތް ލައްވާފައިވާ މީހެއް ކަމަށެވެ. އަދި ޙަރާމް މުދާ ކެއުމުގެ ސަބަބުން މާތް ﷲ އެމީހަކު ދަންނަވާ ދުޢާ އިޖާބަ ނުކުރައްވާނެކަން ވެސް ވަޒީރު ހަނދާން ކޮށްދެއްވިއެވެ.

"މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން." ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%