އިންސްޓާގްރާމްގެ ރީލްސް އަށް ވަކިން އެޕެއް ހަދަނީ

އައިޝަތު ރުވާ ރިފްޢަތު | 28 ދުވަސް ކުރިން - 23:19
އިންސްޓާގްރާމްގެ ރީލްސް.
އިންސްޓާގްރާމްގެ ރީލްސް.
ޚުލާސާ

މީޑިއާތަކުން ހާމަކުރި ގޮތުގައި، ވަކި އެޕެއްގެ ގޮތުގައި ރީލްސް ނެރުމަށް އިންސްޓާގްރާމުން ސީރިއަސްކޮށް ވިސްނަން ފަށާފައިވަނީ އެމެރިކާގައި ޓިކްޓޮކްގެ މުސްތަޤްބަލު އޮތް ގޮތް ނޭނގުމާ ގުޅިގެން.

އިންސްޓާގްރާމްގެ މަޝްހޫރު ފީޗާއެއް ކަމަށްވާ ރީލްސް، ވަކި އެޕަކަށް ހެދުމަށް މެޓާ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ލީކަރެއް ކަމަށްވާ އެލެސަންޑްރޯ ޕަލުޒީއެވެ.

ޕަލުޒީ ހާމަކުރި ގޮތުގައި، އިންސްޓާގްރާމްގެ އެންޑްރޮއިޑް އެޕްލިކޭޝަންގެ ކޯޑުގައި "އިންސްޓާގްރާމް ރީލްސް" އޭ ކިޔާ ވަކި އެޕަކަށް ރިފަރެންސް ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މިކަމާ ބެހޭ މަޢުލޫމާތު އިންސްޓާގްރާމްގެ ހެޑް، އެޑަމް މޮސެރީ މި ހަފުތާގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންނާވެސް ހިއްސާކޮށްފައިވެއެވެ. ނަމަވެސް، އިންސްޓާގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓާއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީޑިއާތަކުން ހާމަކުރި ގޮތުގައި، ވަކި އެޕެއްގެ ގޮތުގައި ރީލްސް ނެރުމަށް އިންސްޓާގްރާމުން ސީރިއަސްކޮށް ވިސްނަން ފަށާފައިވަނީ އެމެރިކާގައި ޓިކްޓޮކްގެ މުސްތަޤްބަލު އޮތް ގޮތް ނޭނގުމާ ގުޅިގެންނެވެ. އެމެރިކާގެ ސަރުކާރުގެ ވިސްނުން ހުރީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގައި ހިންގަން ބޭނުންނަމަ، އެ އެޕްގެ އެމެރިކާގެ އޮޕަރޭޝަންސް އެ ޤައުމުގެ ކުންފުންޏަކަށް ވިއްކައިލައިގެން ނޫން ގޮތަކަށް ދާއިމީކޮށް ފުރުޞަތު ނުދިނުމަށެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޢަދަދު 170 މިލިއަނަށް އަރާއިރު، ޓިކްޓޮކާ ވާދަކުރެވޭ ފެންވަރުގެ ވަރުގަދަ ވަކި އެޕަކަށް އިންސްޓާގްރާމްގެ ރީލްސް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރީލްސް ފުރަތަމަ ތަޢާރަފުކުރެވުނީ 2020 ގައެވެ. މީގެ ކުރިން 2018 ގައި މެޓާއިން ޓިކްޓޮކާ ވާދަކުރުމަށް ލަސޯގެ ނަމުގައި ވަކި އެޕެއް ތަޢާރަފުކުރި ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ އެ އެޕް ހުއްޓާލާފައިވެއެވެ.

މެޓާއަކީ ފޭސްބުކް، މެސެންޖަރ އަދި ވަޓްސްއެޕް ފަދަ އެޕްތައް ވެސް ހިންގާ ކުންފުންޏެވެ. ރީލްސް އެޕް އާއެކު، މެޓާއިން ސޯޝަލް މީޑިއާ މާކެޓްގައި އޭގެ ހިއްސާ އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރާ ކަމަށް ބެލެވެއެވެ.

ރީލްސްއަކީ 2020 ވަނަ އަހަރު ތަޢާރަފުކުރެވުނު ފީޗާއެކެވެ. މިއީ ކުރު ވީޑިއޯތައް ހަދައި، އެޑިޓްކޮށް، ޝެއަރ ކުރުމަށް ބޭނުން ކުރެވޭ ފީޗާއެކެވެ. މި ފީޗާ ވަރަށް ބޮޑަށް މަޤުބޫލުވެ، ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ފީޗާއަކަށް ވަނީ ވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%