އެމެރިކާ ސިފައިންގެ ތެރޭގައި ހިދުމަތްކުރަމުންދާ ޖިންސް ބަދަލުކޮށްގެން އުޅޭ މީހުން ނުވަތަ ޓްރާންސްޖެންޑަރ މީހުން 30 ދުވަހުގެ ތެރޭގައި ސިފައިންގެ ތެރެއިން ބޭރުކުރާނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނެފިއެވެ.
ޕެންޓަގަނުން. ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމެރިކާ ސަރުކާރުން މިހާރު ބަލައިގަންނަނީ ހަމައެކަނި ޤުދުރަތީ ގޮތުން އުފެދިފައިވާ ދެ ޖިންސް ކަމަށްވާ ފިރިހެނުންނާއި އަންހެނުން އެކަނި ކަމަށެވެ.
ޕެންޓަގަންގެ ބަޔާނުގައި ގޮވާލާފައިވަނީ އެމެރިކާގެ ލަޝްކަރުތަކުގައި ހިދުމަތްކުރަމުންދާ ޓްރާންސްޖެންޑަރ މީހުން ވަގުތުން އިސްތިއުފާ ދިނުމަށެވެ. އަދި އިސްތިއުފާ ނުދޭ ފަރާތްތައް 30 ދުވަހުގެ ތެރޭގައި ސިފައިންގެ ތެރެއިން ބޭރުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ގުދުރަތީ ގޮތުން ނުވަތަ ޖެނެޓިކް ގޮތުން ކުރިމަތިވާ އުފެދުމުގެ މައްސަލައަކާއި ގުޅިގެން ޖިންސީ އައިޑެންޓިޓީގައި ޑިސްއޯޑަރ އުޅޭ މީހުންގެ މައްސަލަ ވަކިވަކިން ބަލާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ މައްސަލަތަކުގައި، އެ މީހަކު އަދާކުރާ އަސްކަރީ ޚިދުމަތަށް ބުރޫ ނާރާނެކަން ސާބިތު ކުރެވޭ މީހުންނަށް ސިފައިންގެ ތެރޭގައި ދެމިތިބުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ކުރިން ނެރުނު ރިޔާސީ އަމުރަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އެ އަމުރުގައި ބަޔާންކޮށްފައިވަނީ އެމެރިކާގެ ސަރުކާރާއި ރަސްމީ މުއައްސަސާތަކުން ބަލައިގަންނާނީ ހަމައެކަނި ތަބީއީ ދެ ޖިންސް ކަމަށްވާ އަންހެނުންނާއި ފިރިހެނުން އެކަނި ކަމަށެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސް ބަދަލުކޮށްގެން އުޅޭ ޓްރާންސްޖެންޑަރ މީހުންގެ އަދަދު އެތައް ހާހަކަށް އަރައެވެ.