ރިއަލް ބަލިވެ ލީގު އަތުން ބީވަނީ

އައިޝަތު އީމާން | 16 ދުވަސް ކުރިން - 06:32
ރިއަލްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ، މޮޑްރިޗް އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ. / ފޮޓޯ: ގޯލް
ރިއަލްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ، މޮޑްރިޗް އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ. / ފޮޓޯ: ގޯލް
ޚުލާސާ

ހޮނިހިރު ދުވަހުގެ ރޭ ރިއަލް ބެޓިސްއާ ކުޅެ މެޑްރިޑް ވަނީ ބަލިވެފައި. މިވަގުތު އެ ޓީމު އޮތީ ތާވަލުގެ 3 ވަނައިގައި.

ސްޕެނިޝް ލަލީގައި ރިއަލް ބެޓިސް އަތުން ބަލިވެ ރިއަލް މެޑްރިޑަށް ލީގު ހޯދުމަށް ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބެޓިސް ދަނޑުގައި ކުޅުނު މި މެޗުގައި މެޑްރިޑް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ކުރީކޮޅު މެޗުގެ 10 ވަނަ މިނެޓުގައި ޑިފެންޑަރު މެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރަހިމް ޑިއަޒްގެ ވަނީ ގޯލެއް ޖަހައި މެޑްރިޑަށް ލީޑު ނަގައިދީފައެވެ. ނަމަވެސް 34 ވަނަ މިނެޓުގައި ރިއަލްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ ނެގި ކޯނަރެއް ބޮލުން ވައްދާލާ ޖޯނީ ކާޑޯސޯ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި 54 ވަނަ މިނެޓުގައި އެންޓޮނީ ރުޑިގާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބެޓިސް އިން ވަނީ ސްޕެއިންގެ ގަދަ ބާރު ބަލިކޮށްފައެވެ. ބެޓިސްގެ ޕެނަލްޓީ ގޯލަށް ފޮނުވާލީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްކޯ އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިސްކޯ ވަނީ ކުރީގެ ކުލަބާ ދެކޮޅަށް އުފާފާޅުކުރެވުނީތީ މަޢާފަށް އެދިފައެވެ. އިސްކޯ ބުނީ އޭނާގެ ހިތުގައި އަބަދުވެސް މެޑްރިޑަށާއި މެޑްރިޑްގެ ސަޕޯޓަރުންނަށް ހާއްސަ ޖާގައެއް އޮންނާނެ ކަމަށެވެ. އިސްކޯ އަކީ ރިއަލްގައި ކުޅުނު އިރުވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ އަލާރކޮން. ގޯލަށް ފަހު އުފާ ފާޅު ކުރެވުނީތީ އޭނާ ވަނީ މެޑްރިޑުގެ ފޭނުން ކިބައިން މަޢާފަށް އެދިފައި.

މި ބައްޔާއެކު ރިއަލް މެޑްރިޑް ވަނީ ތާވަލުގެ 3 ވަނައަށް ވެއްޓިފައެވެ. މިވަގުތު އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ދެވަނައިގައި ބާސެލޯނާ 54 ޕޮއިންޓާއެކު އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. މާދަމާ ރޭ ރިއަލް ސޮސައިޑަޑާއި ދެކޮޅަށް ނިކުމެ މޮޅުވެއްޖެ ނަމަ ތާވަލުގެ 1 ވަނައަށް ބާސެލޯނާ އެބުރި އަންނާނެ އެވެ.

ލީގުގައި އަދި ބާކީ 12 މެޗު އޮތްއިރު ލީގު ހޯދުމަށްޓަކައި 3 ޓީމުގެ މެދުގައި ވެސް މިވަނީ ވާދަވެރިކަން އުފެދިފައެވެ. މިހާތަނަށް މި ލީގު އެންމެ ގިނައިން ހޯދާފައިވަނީ ފުޓްބޯޅައިގެ ރަސްގެފާނު ރިއަލް މެޑްރިޑެވެ. ބާސެލޯނާ 27 ފަހަރު ތަށި ނަގާފައިވާ އިރު ތިން ވަނައަށް އެންމެ ގިނައިން ނަގާފައިވަނީ އެތްލެޓިކޯ މެޑްރިޑެވެ. އެއީ 11 ފަހަރެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%