ތުރުކީވިލާތުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔަތިޔާރު އެޅި ޖަމާޢަތް، ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ން ހަތިޔާރު ބަހައްޓައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ޖަމާޢަތުގެ ބާނީ ޢަބްދުالله އޮޖަލާންގެ ގޮވައިލުމަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.
ޕީކޭކޭން ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލައި ހަނގުރާމަ ފަށާފައި ވަނީ 1984 ވަނަ އަހަރުއެވެ. މި ހަނގުރާމައިގައި މިހާތަނަށް 40,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
ހަތިޔާރު ބަހައްޓައި ސުލްޙަވުމަށް އޮޖަލާން ޕީކޭކޭއަށް ގޮވައިލުމާ އެކު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާންގެ ސަރުކާރުގެ އެ އިތުރުން ޕީކޭކޭއާއި ގާތް ގުޅުމެއް އޮތް ޑީއީއެމް ޕާޓީން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ.
ޕީކޭކޭން މި ނިންމުން ނިންމުމާ ގުޅިގެން، އެ ޖަމާޢަތުން ބުނެފައިވަނީ ޖަލުގައި އެކަހެރިކޮށް ބަންދު ކޮށްފައި ހުރި އޮޖަލާން މިނިވަން ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ހަތިޔާރު ބެހެއްޓުމުގެ ކަންކަން ވިލަރެސް ކުރެވޭނީ އޭނާގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް، ތުރުކީވިލާތުގެ ސަރުކާރުން ބުނެފައިވަނީ ޕީކޭކޭގެ ހަނގުރާމަވެރިންނާއި މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށާއި، ހަތިޔާރު ބެހެއްޓުން ނޫން އިތުރު ގޮތެއް ބަލައިނުގަންނާނެ ކަމުގައެވެ.
ޕީކޭކޭ އާއި ތުރުކީވިލާތުގެ ދައުލަތާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާތާ މިހާރު 40 އަހަރު ވެއްޖެއެވެ.