އަނިޔާވެރި އިޒްރޭލާއި ހުޅަނގުގެ ރޭވުންތަކުން ސުންނާފަތި ވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިސްލާމީ އުންމަތަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް ގޮވައިލެއްވީ ރަމަޟާން މަހުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކަށް ފޮނުއްވި މެސެޖުގައެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ވޭނުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރުމަށް ގޮވައިލާ ކަމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އެހީތެރިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އިރުމަތީ ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް ބާރުއެޅުއްވުމަށާއި، ފަލަސްތީނުގެ މައްސަލައަށް ޢަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މުޅި އިސްލާމީ އުންމަތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް (ކ)، 23 ސެޕްޓެމްބަރު 2024 ގައި އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް.
"ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވުމަށް އިސްލާމީ އުންމަތަށް އަޅުގަނޑު ގޮވާލަން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ފަލަސްޠީނުގެ މައްސަލައިގައި މުޅި ދުނިޔެއިން ވެސް އެންމެ ފާޅުކަން ބޮޑުކޮށް ވަކާލާތު ކުރައްވާ ލީޑަރެވެ.
ފަލަސްޠީނު މިނިވަން ނުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ އ.ދ. ގައި އޮންނަ ވީޓޯ ކުރުމުގެ ބާރުގެ ސަބަބުން ކަމަށް ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވަނީ ވީޓޯ ކުރުމުގެ ބާރު އުވައިލާން ޖެހޭ ކަމަށް ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލައްވާފައިކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގެ ހުރިހާ ރައީސުން ވެސް ފަލަސްޠީނުގެ ދިފާޢުގައި ބަސް ވިދާޅުވެއެވެ. އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒު ވަކާލާތުކުރައްވާ ފަދައިން ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރައްވާ އެއްވެސް ލީދަރެއް ރާއްޖެއަކުން އަދި ކިއެއްތަ، މި ދުނިޔެއިން ވެސް ނުފެންނަކަން ފާހަގަ ކުރެވެއެވެ.
https://youtu.be/U_dwuIe4Km4
އެމަނިކުފާނުގެ މަސައްކަތަށް ފަލަސްޠީނުން ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.