ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަރުގެ މީޑިއާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލުމަށް ފަހު، މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސްމާރޓް މީޓަރ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ. ނާޝިދު އިތުރަށް ވިދާޅުވީ މި މަހުގެ ތެރޭގައި ސްމާރޓް މީޓަރ ޝިޕްމަންޓް ލިބޭނެ ކަމަށާއި، ރަމަޟާން މަހުގެ ފަހުން ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މީޓަރިން ޝިޕްމަންޓްގެ ފުރަތަމަ ޝިޕްމަންޓް މިހާރު މާލެ އައުމުގެ މަގުމަތީގައި. އުންމީދު ކުރަނީ މި މަސް ނިމުމުގެ ކުރިން ޝިޕްމަންޓް ލިބޭނެ ކަމަށް. ރޯދަމަސް ނިންމާލާފައި މީޓަރު ހަރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން،" ނާޝިދު ވިދާޅުވިއެވެ.
ސްމާރޓް މީޓަރ ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ނާޝިދު ފާހަގަކުރެއްވިއެވެ. މި ގޮތުން ކޮންމެ 15 މިނެޓަކުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެއެވެ. ސްޓެލްކޯގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާލުން ކަމަށް ވެސް ނާޝިދު ފާހަގަކުރެއްވިއެވެ.
ސްޓެލްކޯއިން ބުނީ އެންމެ ފުރަތަމަ ސްމާރޓް މީޓަރ ހަރުކުރުމަށް ވިސްނާފައި ވަނީ ހުޅުމާލޭގައެވެ. ނަމަވެސް މަސައްކަތް ކުރާނީ އެއް ފަހަރާ ގިނަ ސަރަހައްދު ތަކުގައި މި ޕްރޮޖެކްޓް ފެށުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.